ބްލޮގްގެ ތަޢާރަފް

މި ބްލޮގަކީ މުދައްރިސުންނަށް ޚާއްޞަކޮށްގެން އެޑިޔުކޭޝަނަލް ޓެކްނޮލޮޖީއާ ބެހޭ ގޮތުން ތަފާތު މައުލޫމާތު ގެނެސް ދިނުމަށްޓަކައި އަޅުގަނޑުމެން ދިވެހި ރާއްޖޭގެ އިސްލާމިކް ޔުނިވާރސިޓީގައި ކިޔަވަމުން އަންނަ ދަރިވަރުން ކޮޅެއް ހަދާފައިވާ ބްލޮގެކެވެ. މި ބްލޮގްގެ ފެށުމަކީ "އެޑިޔުކޭޝަނަލް ޓެކްނޮލޮޖީ" މި މާއްދާގެ ދަށުން ހަދަން ދެވުނު އެސައިންމެންޓެކެވެ. ނަމަވެސް މި ބްލޮގްގެ ޒަރީޢާއިން ކުރިއަށް އޮތް ތާނގައިވެސް އަލުގަނޑުމެން އެޑިޔުކޭޝަނަލް ޓެކްނޮލޮޖީއާ ބެހޭ މަޢުލޫމާތުތަކާއި މިނޫންވެސް މުދައްރިސުންނަށާއި ކިޔަވާ ކުދިންނަށް ބޭނުންވާ ތަފާތު މަޢުލޫމާތުތައް ހުށާއަޅައި ދެމުން ގެންދާނަމެވެ.

10.11.15

އެޑިއުކޭޝަނަލް ޓެކްނޮލޮޖީގެ ތާރީޚް



   ލިޔުނީ: ޢާއިޝަތު ނާޖީ

އެޑިއުކޭޝަން، ނުވަތަ އިންސާނުން އުނގެނޭ އުނގެނުމާއި  ކަންކަން ކިޔަވައި ހޯދުމަކީ އިންސާނުންނާއި  ޖަނަވާރުންނާ ތަފާތުކޮށްދޭ  އެންމެ މައިގަނޑު އެއް ސިފައެވެ.މިގޮތުން އިންސާނިއްޔަތު ފެށުނީއްސުރެވެސް މީހުން ދަނީ ހޯދިފައިވާ މައުލޫމާތުތަކާއި އުނގެނިފައިވާ އުނގެނުން ފަހުގެ ޖީލުތަކަށް އުނގަންނައިދީ ފޯރުކޮށްދެމުންނެވެ.ޒަމާނުއްސުރެ އެޑިއުކޭޝަނަލް ޓެކްނޮލޮޖީ އަންނަނީ މިކަމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރަމުންނެވެ. މިގޮތުން އުނގެނުމާއި އުނގަންނައި ދިނުމުގައި ޓެކްނޮލޮޖީގެ ދައުރަކީ ކޮބައިކަމާއި ޓެކްނޮލޮޖީގެ ނުފޫޒު އޮތީ ކިހައި ވަރަކަށް ކަން  ރަނގަޅަށް ދެނެގަނެވޭނީ އެޑިޔުކޭޝަނަލް ޓެކްނޮލޮޖީގެ ތާރީޚަށްވެސް ގޮސްގެންނެވެ.އެހެންކަމުން މި ލިޔުމުގައި އަޅުގަނޑު ކުރުގޮތަކަށް އެޑިޔުކޭޝަނަލް ޓެކްނޮލޮޖީގެ ތާރީޚަށް ބަލައިލާނަމެވެ.



އެޑިޔުކޭޝަނަލް ޓެކްނޮލޮޖީއަށް އެކި ދުވަސްވަރު އައިސްފައިވާ ތަފާތުތައް:





އުނގެނުމާއި އުނގަންނައި ދިނުމުގައި މިއަދު ކިތަންމެ ބޮޑު ކުރިއެރުންތަކަކާއި ފަސޭހަތަކެއް ލިބިފައި ވީ ކަމުގައިވިޔަސް އަޅުގަނޑުމެންގެ ކުރީގެ ޖީލުތައް ތަޙައްމަލު ކޮށްފައިވަނީ ނިކަން ދަތި އުނދަގޫ ޒަމާންތަކެކެވެ. ރިސާރޗް ތަކުން ހޯދިފައިވާގޮތުގައި އެންމެ ފުރަތަމަ،ރަސްމީ ގޮތެއްގައި މީހުންނަށް ކިޔަވައިދެވިފައިވަނީ މުޅިންވެސް އަނގަބަހުންނެވެ. ވާހަކަތަކާއި ލަވަތަކާއި ޅެންތަކުގެ ޒަރިއްޔާއިންނެވެ. ދަރިވަރުންނަށް އަޑުއިވޭ އެއްޗެއް ބަހުން ބަހަށް ކިޔައި ހިތުދަސްކުރަމުންނެވެ.މިގޮތަށް އަނގައިން އަނގަޔަށް އަޅައިދީގެން އުނގަންނައި ދޭ އެއްޗެއް ފޯރަނީ ވަރަށް މަދު މީސްކޮޅަކަށެވެ. ނަމަވެސް  މީގެ 6000 އަހަރު ކުރިން މީހުން ހިލައިގައި ލިޔެގެން މައުލޫމާތު ރައްކާ ކުރަން ފެށިއެވެ. މީގެ ފަހުން އުނގަންނައި ދިނުމަށްވެސް ތަފާތު ވަސީލަތްތައް ބޭނުން ކުރެވެން ފެށިއެވެ

.

ކަރުދާހުގެ ފެށުން


އީސާގެފާނު އުފަންވުމުގެ 3100 އަހަރު ކުރިން މިސްރުގައިވަނީ "ޕެޕިރަސް" ނަމަކަށް ކިޔާ ކަރުދާހެއްގައި ލިޔަން ފަށާފައެވެ. އަދި އީސާގެފާނު އުފަންވުމުގެ 500 އަހަރު ކުރިން ގްރީސްގައި ވަނީ ލިޔެވިގެން މައުލޫމާތު ރައްކާކުރުން އާންމުވިއެވެ.   ނަމަވެސް ލިޔެގެންރައްކާކުރުމުގެ ގޮތް ފުރިހަމަގޮތެއްގައި އާންމުވާން ފެށީ އީސާގެފާނު އުފަންވުމުގެ 200އަހަރު ކުރިން ޗައިނާގައި ކަރުދާސް އުފެއްދަންފެށުމާ ގުޅިގެންނެވެ. މީގެ ކުރިން ލިޔަން ބޭނުން ކުރެވުނު ތަކެއްޗަށްވުރެ ކަރުދާސް މާ އަގުހެޔޮވެފައި އަދި އުފައްދަން ފަސޭހައެވެ. ނަތީޖާއަކަށް ވެގެން ދިޔައީ ކަރުދާސް ދުނިޔޭގެ އެކި ހިސާބުތަކަށް ފެތުރި ޢާންމުވެގެން ދިޔުމެވެ. އެކަމަކު ކިޔަވައި ދިނުމަށް ލިޔުންތެރިކަމާއި ކަރުދާސް ބޭނުންކުރަން ފެށުނީ މާފަހުންނެވެ.

ސްލޭޓް ބޯރޑް

މީލާދީން 12 ވަނަ ގަރުނުގައި އިންޑިއާގައިވަނީ "ސްލޭޓް ބޯޑު" ތައް ކުލާސްރޫމްތަކުގައި ބޭނުން ކުރަން ފަށާފައެވެ. މި ސްލޭޓް ބޯޑު ހަދާފައި ހުންނަނީ ފަރުބަދަތަކުން ކަނޑައިގެން ނަގައި، އޮމާންކޮށް ހަދާފައި ހުންނަ ހަރު ހިލައަކުންނެވެ. މި ބޯޑުގައި ލިޔަން
ގެންގުޅެނީވެސް ހަމަ ގަލުން ފަންސުރެއްގެ ސިފަޔަށް  ހަދާފައި އޮންނަ އެއްޗެކެވެ. މީތި ހަދާފައިވަނީ ބޯޑު ހަދާފައިވާ ގަލަށް ވުރެ މަޑު ގަލަކުންނެވެ.މިއިން ބޯޑުގައި ލިޔުމުން ފުސް ކުލައެއްގައި ލިޔުން ފާޅުވެއެވެ. ލިޔެ ނިމުމުން ފޮތިކޮޅެއްގެ އެހީގައި ބޯޑު ފޮހެލެވެއެވެ.

މި ސްލޭޓް ބޯޑު ބޭނުން ކުރެވުނީ ދަރިވަރުންގެ ލިޔުމާއި ހިސާބު ފަރިތަ ކުރުމަށެވެ.  14 ވަނަ ޤަރުނުން ފެށިގެން އޭޝިޔާގެ އެހެނިހެން ޤައުމުތަކުގަޔާއި ޔޫރަޕްގައިވެސް ސްލޭޓް ބޯޑު ބޭނުން ކުރަން ފެށިއެވެ. ނަމަވެސް ސްލޭޓް ބޯޑުގައި ކިޔަވައި ދިނުމުން އެކައްޗެއްގެ ކޮޕީތައް ގިނަ ފޮތްތަކަކަށް ނެގުމަކީ ބުރަ މަސައްކަތަކަށް ވުމުން ދަރިވަރުންނަށް ކިޔަވާކަށް މާ ބޮޑު ފުރުޞަތެއް ލިބިގެނެއް ނުދެއެވެ. އެހެންކަމުން އޭރުގެ ތަޢުލީމީ ޙާލަތު އޮތީ ނިހާޔަތަށް ނިކަމެތި ގޮތެއްގައެވެ. އަދި 18ވަނަ ގަރުނުގައި ވަނީ ކުލާސްރޫމްތަކުގައި ބްލެކްބޯޑާއި ޗޯކު ބޭނުންކުރުން އާންމުވެފައެވެ. މިއީ ކުރިން ބޭނުންކުރަމުން އައި ސްލޭޓްބޯޑުތަކަށްވުރެ ބޭނުންކުރަން މާ ފަސޭހަ އަދި ކާމިޔާބުއެއްޗެކެވެ. ސްލޭޓް ބޯޑު ބޭނުން ކުރުމަށް ނިމުމެއް އައީ ބްލެކް ބޯޑު ނުވަތަ ޗޯކު ބޯޑާއި ކަރުދާސް  ޢާންމުވުމާ ހަމައިންނެވެ.

ޗާޕް މެޝިން

ކަރުދާސް ޢާންމުވެ ޗާޕް ކުރާ މެޝިން އުފެއްދުމުގެ ޚިޔާލު ލިބި އެންމެ ފުރަތަމަ ޗާޕްކުރާ މެޝިނެއް އުފެދި ގެން އައީ މީލާދީން 1000 ވަނަ އަހަރުތަކުގެ ކުރީކޮޅުގައެވެ. މި މެޝިން އުފައްދާފައިވަނީ ސެލާމިކް ޝީޓްތަކަކުންނެވެ. މިއީ ވަރަށް ލަހުން ޗާޕް ކުރެވޭ މެޝިނެކެވެ.
އެހެންކަމުން އެކި ދުވަސްވަރު ޗާޕްކުރާ މެޝިންތަކަށް ވެސް ތަފާތު ބަދަލުތައް  ގެނެސް އެއީ ފަސޭހަ އެއްޗަކަށް ހެދޭތޯ ދިޔައީ މަސައްކަތްތަކެއް ކުރެވެމުންނެވެ. މިގޮތުން1377ގައި ކޮރެއާގައި އުފެއްދި  ދަނގަޑު މެޝިނާއި  1440ވަނަ އަހަރުގައި ރޯމަން އެމްޕަޔާރއަށް ނިސްބަތްވާ މީހެއްކަމުގައިވި ޖޮހެނަސް ގުޓެންބާރގް އުފެއްދި ޗާޕްމެޝިންވެގެން ދިޔައީ އެޑިޔުކޭޝަނަލް ޓެކްނޮލޮޖީއަށް ލިބިގެން ދިޔަ ފަސޭހަތަކެއްކަމުގައެވެ. ގުޓަންބާރގް މެޝިނުން ދުވާލަކު3600 ޞަފްހާ ޗާޕް ކުރެވުނެވެ.  
މިގޮތުން މިމެޝިނުން ވަނީ 40 މިލިއަނަށްވުރެ ގިނަ ފޮތް ޗާޕްކޮށްފައެވެ.   މީލާދީން 15ވަނަ ގަރުނުގައި ޔޫރަޕުގައި ޗާޕުކުރާ މެޝިނެއް އުފެދިގެން ދިޔުމާއެކު އެޑިއުކޭޝަނަލް ޓެކްނޮލޮޖީއަށް ބޮޑުބަދަލެއް އައެވެ. ނަތީޖާއެއްގެ ގޮތުން ފޮތްތަކުގެ ކޮޕީތައް އަދި އެނޫންވެސް ލިޔެވިފައިވާ މައުލޫމާތުތައް ގިނަވެ އާންމުވާން ފެށިއެވެ. އަދި މުޅިޔޫރަޕުގައި ފެންވަރު ރަނގަޅު ރަސްމީ އުނގެނުން ފެތުރިގެންދިޔައެވެ. ތާރީޚީ ޢިލްމުވެރިން ގަބޫލްކުރާގޮތުގައި ދުނިޔޭގެ އެހެންތަންތަނާ އަޅައި ބަލާއިރު ޔޫރަޕު  ކުރިއަރައިގެން ދިޔަ އެންމެ ބޮޑު އެއް ސަބަބަކީ ޗާޕުކުރާ މެޝިނުގެ އީޖާދެވެ.
މާ ގިނަ އަހަރުތަކެއް ނުވެ އޭޝިއާގެ ގައުމުތަކަށްވެސް މި އީޖާދުގެ ފައިދާތައް ފެތުރިގެންގޮސް އެޑިއުކޭޝަން ޓެކްނޮލޮޖީ ތަރައްޤީވިއެވެ. އަދި 18ވަނަ ގަރުނުގައި ވަނީ ކުލާސްރޫމްތަކުގައި ބްލެކްބޯޑާއި ޗޯކު ބޭނުންކުރުން އާންމުވެފައެވެ. އެޑިއުކޭޝަން ޓެކްނޮލްޖީއަށް ދެން އައި އެންމެބޮޑު ބަދަލަކީ ރޭޑިއޯތައް އާންމުވުމުވެ.

މީޑިއާ

މިގޮތުން ބީބީސީ (ބްރިޓިޝް ބްރޯޑްކާސްޓިން ކޮމިޝަން) ވަނީ 1920 ގެ ކުރީކޮޅު ސްކޫލުތަކަށް އަމާޒުކޮށްގެން އެޑިއުކޭޝަނަލް ޕްރޮގްރާމްތައް ވަނީ ފޮނުވާފައެވެ. މިއީ އެތައް ބަޔަކަށް އެއްފަހަރާ ތަޢުލީމު ފޯރުކޮށްދެވި، ކްލާސްރޫމުތަކުގެ ބޭރުން އެންމެ ފުރަތަމަ ތަޢުލީމު ޢާންމުކުރެވެން ފެށުނު ފަސޭހަ ވަސީލަތެކެވެ. ރޭޑިޔޯގެ ސަބަނުން ހަމަ އެކަނި ފޮތުން ދަސްކޮށްގެން  އުނގެނެމުން އައި ގޮތްތަކަށް ބަދަލުއައިސް  ނުރަސްމީ ސިފައެއްގައިވެސް ތަޢުލީމު ލިބުމުގެ ފުރުޞަތު ލިބި ޢާންމު މީހުން ހޭލުންތެރިވެގެން ދިޔައެވެ.
ދެވަނަ ބޮޑު ހަނގުރާމަ ނިމުމާއެކު 1945 ވަނަ އަހަރު އެމެރިކާގެ ޢަސްކަރިއްޔާއިން އާރމީން ތަމްރީނު ކުރުމަށް އޯވާހެޑް ޕްރޮޖެކްޓާރ ބޭނުންކުރަން ފެށުމާއެކު މިއީ އުނގަންނައި ދިނުމަށް ބޭނުން ކުރެވޭ ވަސީލަތެއްގެ ގޮތުގައި ވެގެން ދިޔައެވެ. 1950 އިން ފެށިގެން އޯވާރހެޑް ޕްރޮޖެކްޓާރ  ސްކޫލުތަކުގަޔާއި ޔުނިވާރސިޓީތަކުގަޔާއި   ބޭނުންކުރުން އާންމުވިއެވެ.

އަދި 1960 ވަނައަހަރު ޓީވީގެ ޒަރިއްޔާއިންވެސް އެޑިއުކޭޝަނަލް ޕްރޮގްރާމްތައް ފޮނުވަން ވަނީ ފަށާފައެވެ. މިގޮތުން ޑޮކިއުމެންޓްރީ  ފަދަ މައުލޫމާތު މުއްސަނދި ކޮށްދޭ ޕްރޮގްރާމްތައް ދެއްކިއެވެ. އަދި ކެސެޓް ޓޭޕްތައް ފަދަ ވީޑިއޯ ސްޓޯރީކުރާ ވަސީލަތްތައް ބޭނުންކޮށްގެން 1970 ގެ ކުރީކޮޅު ތަޢުލީމީ ދާއިރާއަށް ކުރިއެރުންތަކެއް ލިބިފައިވެއެވެ.  ހަމަ މިއާއެކު ގައުމުތަކުގެ ރަސްމީ ތަޢުލީމު ތެރެއަށް ޓީވީ ވަނީ ވަދެފައެވެ.

ކޮމްޕިއުޓާރ ޓެކްނޮލޮޖީ

ޓެކްނޮލޮޖީ އަށް އައި އެންމެ ބޮޑު ކުރިއެރުން ކަމުގައިވާ ކޮމްޕިއުޓަރާއެކު ތަޢުލީމު އުނަގަންނައި ދިނުމުގެ ވައްޓަފާޅިއަށްވެސް މިވަނީ ބަދަލުތަކެއް އައިސްފައެވެ. މަޢުލޫމާތު ހޯދުމާއި މަޢުލުމާތު ތައް ރޭވުމާއި ހުށައަޅައި ދިނުމާއި ޓެސްޓުކުރުގެ ގޮތްތައް މިވަނީ ދަރިވަރުން ގަޔާވާ ގޮތްގޮތަށް ފަރުމާކުރެވެން ފަށާފައެވެ.  މުދައްރިސެއްގެ އެހީއާ ނުލައިވެސް ދަރިވަރުންނަށް  އުނގެނުމުގެ ފުރުޞަތު މިވަނީ ލިބިފައެވެ

ކޮމްޕިއުޓާރ ނެޓްވާރކިންގ

.އިންސާނުންގެ ދިގު ތާރީހުގައި އަދި އެޑިއުކޭޝަނަލް ޓެކްނޮލޮޖީގެ ތާރީހުގައި ވެސް އައި އެންމެ މުހިއްމު ބަދަލު އައިސްފައިވަނީ  1982 ގައި އެމެރިކާގެ އަސްކަރިއްޔާއިން "އަލްޕާނެޓް" ނަމަކަށް ކިޔާ ނެޓްވޯކް ޓެކްނޮލޮޖީ އުފެއްދި ހިސާބުންނެވެ. މިއުފެއްދުމާ ގުޅިގެން 1991
ގައި "ވޯލްޑް ވައިޑް ވެބް" އުފެދުނެވެ. އަދި އާންމުންނަށް އިންޓަރނެޓްގެ ޚިދުމަތް ލިބިގެންގޮސް މުޅިދުނިޔެ ގުޅާލެވުނެވެ. އޭގެކުރިން އިންސާނުންގެ އެއްވެސް ލައިބްރަރީއެއްގައި ނުވާހައި ގިނަ މައުލޫމާތު އަވަސް ދުވެއްޔެއްގައި އިންޓަނެޓަށް ލެވުނެވެ. އަދި އެކިތަފާތު ކަންކަމާ ބެހޭ މައުލޫމާތުތައް ލިޔުމުންނާއި އޯޑިއޯ ވީޑިއޯގެ ސިފައިގައި އާންމުވިއެވެ. 1999 ގައި ގޫގުލް އުފެދި އިންޓަނެޓްގެ ބޭނުން މައުލޫމާތު ހޯދުމަށާއި އެހެންކަންކަމަށް ބޭނުންކުރަން ފެށުނެވެ. ޓީޗަރުންނާއި ދަރިވަރުންނަށް ފިލާވަޅާ ބެހޭގޮތުން މައުލޫމާތު ހޯދަން ފަސޭހަވެގެން އައެވެ.

އޮންލައިންކޮށް ކިޔެވުމުގެ ފުރުޞަތު

1995 ވަނަ އަހަރުތެރޭގައި ޔޫޓިއުބު ފަދަ ވެބްސައިޓުތައް މެދުވެރިކޮށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވާ ދަރިވަރުންނަށް ޓީޗަރުން މެދުވެރިކޮށް ކިޔަވައިދޭން ފެށުނެވެ. މުހިންމު ޔުނިވާސިޓީތަކުގެ ލެކްޗަރތައް ރިކޯޑުކުރެވި އިންޓަނެޓްގައި އާންމު ކުރެވުނެވެ. އަދި
އިންޓަރނެޓަށް ބިނާކޮށް ތަފާތު ކްލާސްރޫމް ޓެކްނޮލޮޖީތައްވަނީ 2000 ވަނަ އަހަރުގެ ފަހުން އުފެދިފައެވެ. އޭގެތެރޭގައި ސްމާޓް ބޯޑު ފަދަ ޒަމާނީ ވަސީލަތްތައް ހިމެނެއެވެ.މިހާރު ކޮމްޕިއުޓާރ ސައިންސް އަދި ޓެކްނޮލޮޖީ ތަރައްގީވަމުން އަންނަބާރުމިނުގެ ސަބަބުން އެޑިއުކޭޝަނަލް ޓެކްނޮލޮޖީއަށް ވެސް  އަންނަނީ ހަލުވި މިނެއްގައި ހީވެސް ނުކުރެވޭހައި ބޮޑެތި ކުރިއެރުންތަކެއް ލިބެމުންނެވެ.

ޑިޖިޓަލް އޭޖް

މިހާރު ކުރިއަރަމުން އަންނަ "ވާރޗުއަލް ރިއަލިޓީ " އަދި އޮގްމެންޓެޑް  ރިއަލިޓީ" ޓެކްނޮލޮޖީ އަކީވެސް ކުރިމަގުގައި ތަޢިލީ ދާއިރާގައި ބޮޑު ދައުރެއް އަދާކުރާނެ އެއްޗެއް ކަމަށް ބެލެވެއެވެ. މިގޮތުން މައިކްރޯސޮފްޓުން ތައްޔާރު ކުރަމުން އަންނަ " ހޮލޯ ލެންސް" ސިސްޓަމް މެދުވެރިކޮށް މީހާގެ ވަށައިގެންވާ  މާޙައުލަށް ޑިޖިޓަލް 3D ޕްރޮޖެކްޝަންސް ލެވެއެވެ.  މިކަން ކުރަނީ މި ސިސްޓާމް ބޭނުން ކުރާ މީހާގެ މޫނުގައި އަޅުވައި ލެވިފައިވާ ޑިސްޕްލޭ އައިނަކުންނެވެ. މިފަދަ ސިސްޓަމަކުން ކިޔަވައި ދިނުމަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެއެވެ. މިސާލަކަށް  ދެނެގަންނަން އުނދަގޫ، ކޮމްޕްލިކޭޓެޑް   މޮލެކިއުލްސްގެ 3D ޝޭޕް ދަރިވަރުންނަށް ދައްކާލެވޭނެއެވެ. އަދި ދަރިވަރުނގެ އަތުގެ އިޝާރާތުން އެ މޮލެކިއުލް ކުޑަކޮށް ބޮޑުކޮށް ގޮތްގޮތަށް އަނބުރައި ހެދޭނެއެވެ. ރިސާރޗަރުން ޤަބޫލުކުރާގޮތުގައި މިފަދަ ޓެކްނޮލޮޖީއެއް ވެގެން ދާނީ އެޑިޔުކޭޝަނަލް ޓެކްނޮލޮޖީއަށް އަންނަ ބޮޑު އިންޤިލާބަކަށެވެ. މައިކްރޯ ސޮފްޓުގެ މި ހޮލޯލެންސް ސިސްޓަމް އެމެރިކާގެ 5 ޔުނިވާރސިޓީއަކަށް ހަދިޔާ ކުރީ (12ނޮވެމްބަރ 2015) ދުވަހުގައެވެ. މި އުފެއްދުން ޢަންމުންކޮށް ވިއްކަން ފެށުމަށް ހަމަ ޖެހިފައިވަނީ 2016 ވަނަ އަހަރުގެ ކުރީކޮޅުގައެވެ.

ޓެކްނޮލޮޖީގެ ރޮނގުން ދުނިޔެ މިއަދު ހޯދާފައި މިވާ ކުރިއެރުމަކީ މީގެ ޤަރުނެއްހައި ދުވަސް ކުރިން ދުނިޔޭގައި އުޅުނު މީހުންނަށް ޚިޔާލީ ފޮލައެއްގެ ގޮތުގައިވެސް ތަޞައްވުރު ކޮށްލަން ނޭނގޭހައި ބޮޑު ކުރިއެރުމެކެވެ. ޓެކްނޮލޮޖީގެ ބާރު ނުފޯރާ ކިތަންމެ ކުޑަކަމެއްވެސް އަޅުގަނޑުމެންގެ ތެރޭގައި  މިއަދަކު ނެތެވެ. ޓެކްނޮލޮޖީގެ ސަބަބުން އެންމެ ބާރުމިނެއްގައި ކުރިއަރައިގެން ގޮސްފައިވާ އެންމެ މުހިންމު އެއް ދާއިރާއަކީ ތަޢުލީމީ ދާއިރާއެވެ. އަނގައިން އަނގަޔަށް އަޅައި ދީގެން ހިތު ދަސްކުރުމުގެ ކުޅަދާނަކަން އިންތިހާޔަށް ލިބިފައިވާ މަދު މީހަކަށް މެނުވީ ލިބިފައި ނުވާ ތަޢުލީމު، އެޑިޔުކޭޝަނަލް ޓެކްނޮލޮޖީގެ ސަބަބުން  މިއަދު މިދަނީ  ދުނިޔޭގައި އުޅޭ ކޮންމެ މިހަކަށްވެސްލިބިދެމުންނެވެ. ދުނިޔޭގެ ކޮންމެ ހިސާބެއްގައި ހުރި މީހަކަށްވެސް ކޮންމެފަދަ ޔުނިވާރސިޓއަކުން ތަޢުލީމު  ހޯދުމުގެ ގޮތް މިވަނީ ފަހިވެފައެވެ.



ރިފަރެންސް ލިސްޓު:
http://www.tonybates.ca/2014/12/10/a-short-history-of-educational-technology/
https://en.wikipedia.org/wiki/Educational_technology
http://www.ehow.com/about_5107951_history-printing-machine.html
https://en.wikipedia.org/wiki/Windows_Holographic

17 comments:

  1. އެޑިއުކޭޝަނަލް ޓެކްނޮލޮޖީގެ ތާރީޚުގެ ގިނަ ބައިތަކަކަށް އަލިއަޅުވާލައިފައިވާ ފުރިހަމަ ލިއުމެއް ކަން ފާހަގަކުރަން. އަދި ބްލޮގްވެސް ވަރަށް ފުރިހަމަ. ނަމަވެސް ރިފަރަސް ދީފައިވާ ލިންކުތައް ނުހުޅުވޭކަން ފާހަގަކުރެވުނު.

    ReplyDelete
  2. ވަކިވަކި ބައިތަކަށް ބަހާލެވިފައިވާތީވެ މިއާޓިކަލް ވަރަށް ފުރިހަމަ ވަރަށް ސަޅި

    ReplyDelete
  3. އެޑިއުކޭޝަނަލް ޓެކްނޮލޮޖީ އެހާރާރުން ފެށިގެން މިހާރުގެ މި ޖީލާހަމައަށް ބަދަލުވަމުން އައިސްފައިވާ ގޮތް މިއާޓިކަލުން ފެނިގެންދާކަން ފާހަގަކުރެވޭ ލިޔުން ވަރށް ފުރިހަމަ
    .

    ReplyDelete
  4. ماشاءالله! ވ.ރަނގަޅު މަސައްކަތެއް!މައުޟޫޢަށް ވަރަށް ފުންކޮށް ބައްލަވާލައްވާފައިވޭ، އަދި ލޭއައުޓްވެސް ވަރަށް ފުރިހަމަ އަދި އެހާމެރީތި! ކިޔަވާކުދިންނަށް މުހިއްމު މަޢުލޫމާތުތަކެއް ލިބޭނެ ލިޔުމެއްކަމަށް ޤަބޫލުކުރެވޭ، مرحبا!

    ReplyDelete
  5. މައުލާުމާތު ގެނެސްދީފައި ހުރިގޮތައް ވަރަށް ރަގަޅު

    ReplyDelete
  6. ވަރަކަށް ޙަވާލާދެމުން ގެންދެވުނު ނަމަ އަދި ވަރަށްބޮޑަށް ފުރިހަމަވެގެން ދިއައިހެވެ. މަޢުލޫމާތު މުއްސަނދި އާޓިކަލް އެކެވެ. ޢީސާގެފާނުންްގެ 600 އަހަރު ކުރިން ފެށިގެން ބަލައިލެވިފައިވާ މި އާޓިކަލްގައި އެފަދަ ބައެއް ކަންކަމަށް ކޮންމެވެސް ދުރުތާރީޚަކުން ފެށިގެން މިޒަމާނާހަމައަށް އެޑިޔުކޭޝަން ޓެކްނޮލޮޖީ ކުރިއަރައިގެން އައިގޮތް ފުރިހަމައަށް ގެނެސްދީފައިވާ

    ReplyDelete
  7. މިއާޓިކަލްތައް ކިޔައިލުމުން މަޢުލޫމާތު ހޯދުމަށް މަސައްކަތްކޮށްފައި ހުރިކަން ފާހަގަކުރަމެވެ. އަދި މި އާޓިކަލްތައް ވަރަށް ރަގަޅު

    ReplyDelete
  8. މިއާޓިކަލްތައް ކިޔައިލުމުން މަޢުލޫމާތު ހޯދުމަށް މަސައްކަތްކޮށްފައި ހުރިކަން ފާހަގަކުރަމެވެ. އަދި މި އާޓިކަލްތައް ވަރަށް ރަގަޅު

    ReplyDelete
  9. މިއާޓިކަލްތައް ކިޔައިލުމުން މަޢުލޫމާތު ހޯދުމަށް މަސައްކަތްކޮށްފައި ހުރިކަން ފާހަގަކުރަމެވެ. އަދި މި އާޓިކަލްތައް ވަރަށް ރަގަޅު

    ReplyDelete
  10. ޝައުޤުވެރިވި އެތަކެއް މަޢުލޫމާތު ލިބުނު އާޓިކަލް އެއް.. ماشاءالله ވ ފުރިހަމަ./....

    ReplyDelete
  11. މި ލިޔުން ހުށަހަޅާ ދީފައިވާ ގޮތް ވަރަށް ފުރިހަމައެވެ. އެޑިޔުކޭޝަނަލް ޓެކްނޮލޮޖީގެ ތާރީޚް އީސާގެހާނުގެ ދުވަސްވަރުގެ ކުުރިންފެށިގެން މިއަދާހަމައަށް ޓެކްނޮލޮޖީގެ ގޮތުގައި ބޭނުންކުރާ ގިނަ ވަސީލަތްތަކެއް، އީޖާދު ކުރެވިފައިވާ ތާރީޚްތަކާއެކު ގެނެސްދީފައިވެއެވެ.

    ReplyDelete
  12. Anonymous11/25/2015

    ލިޔުންތެރިކަން ރަނގަޅު މަޢުލޫމާތު މުއްސަނދި ލިޔުމެއްކަން ފާހަގަކުރަން

    ReplyDelete
  13. ވަރަށް ރަނގަޅަށް ދިރާސާ ކުރުމަށްފަހު، ލިޔެފައިވާ ލިޔުމެއްކަން މިލިޔުން ކިޔާލުމުން އެނގިގެން ގޮސްފިއެވެ. ކިޔަވައިދިނުމުގެ އެކި ތާރީޚް ތަކަށް އަލިއަޅުވާލެވިފައިވާގޮތް ވަރަށް ފުރިހަމައެވެ.

    ReplyDelete
  14. ގިނަ މަޢުލޫމާތު ތަކެއްލިބިގެން ދިޔަ ލިޔުމެއް. ވަރަށް ފުރިހަމަ އަށް ދިރާސާކުރައްވާފައިވާ ކަން ފާހަގަކުރެވޭ.

    ReplyDelete
  15. ވަރަށް ފުރިހަމަ މައުލޫމާތު ތަކެއް ލިގެން ހިނގައްޖެ. ލިޔުން ކިޔާ ލުމުން ވަރަށް ރަނގަޅަށް ދިރާސާ ކޮށް ފައި ހުރިކަން ފާހަގަ ކުރެވުނު

    ReplyDelete
  16. ވަރަށް ފުރިހަމަ މައުލޫމާތު ތަކެއް ލިގެން ހިނގައްޖެ. ލިޔުން ކިޔާ ލުމުން ވަރަށް ރަނގަޅަށް ދިރާސާ ކޮށް ފައި ހުރިކަން ފާހަގަ ކުރެވުނު

    ReplyDelete
  17. މައުލޫމާތު ވަރަށް މުއްސަނދި ލިޔުމެއް. ހުށަހެޅުން ވެސް ފުރިހަމަ. އިތުރަށް ރަނގަޅުކޮށްލަންޏާ ލިޔުންގަނޑު ތެރެއަށް ރެފަރެންސް ހައިޕަރ ލިންކެއް ގޮތަށް ލެވިދާނެ.

    ReplyDelete